އދ. ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށާއި، އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، (ރިޓަޔާޑް) ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރެވެ.
މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޠާރިޤް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ކުނބުރުދޫގައި ތިން ކޮޓަރީގެ 25 ހައުސިންގ ޔުނިޓު އެޅުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އަދި މަހިބަދޫގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ނިންމަން ޖެހޭނީ 540 ދުވަހުގެ ތެރޭގައެވެ.






