ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ ޚަލީލޫރު ރަހުމާން އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ބަންގްލަދޭޝްގެ 55 ވަނަ ޤައުމީ ދުވަސް އަދި މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، ވަޒީރު ޑރ ޚަލީލޫރު ރަހުމާނަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޚްތިރާމް އާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށް ކަމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުން ގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީ އާއި އެއްބާރުލުން ނުހަނު އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިހާރު މިއޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އިތުރު އާ ދާއިރާތަކަކުން ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ދެ ޤައުމުން އިސްކަންދޭ އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކޮށް، ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދި، އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.






