ހައްދުފަހަނައެޅި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި ޔަހޫދީންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފި އެެވެ.
ދިވެހިރާއްޖޭން މިކަމަށް ގޮވާލީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގަ އެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޑރ. ސަލްމާގެ ވާހަކަފުޅުގައި ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ. އަދި ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހަޙައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވި އެވެ.
At #HRC61, Ambassador Dr. Salma Rasheed delivered a statement during the General Debate under Agenda Item 8, reaffirming the Maldives’ strong commitment to the Vienna Declaration and Programme of Action, which affirms that all human rights are universal, indivisible,… pic.twitter.com/il6Q6P6Iqw
— Maldives Mission GVA (@MDVinGeneva) March 24, 2026
އަދި ހުރިހާ ގައުމުތަކުން ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަށާއި ދުނިޔޭގެ ހަމަޖެހުން ނަގާލަން ޔަހޫދީން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް ގޮވާލެއްވި އެވެ.
ޔަހޫދީންގެ އުދުވާނުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ނަގާލާފައިވާއިރު ފަލަސްތީނާއި، ލުބުނާނާ، ސީރިއާ، އާއި ޔަމަނާއި، އީރާނުގެ ސަރަހައްދުތަކަށް މިހާރު ވެސް ޔަހޫދީން އަންނަނީ ހަމަލާތައް ދެމުން ނެވެ.
މި ހަމަލާތަކާ އެކު އެތައް މިލިއަން ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާއިރު ރާއްޖެއިން އަބަދުވެސް އަންނަނީ ޔަހޫދީންގެ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ނެވެ.






