ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގައި ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދު، ދިފާއީ ވުޒާރާއިން ސާފުކޮށްދީފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ޤައުމުތަކުގެ ވައިގެ ސަރަޙައްދާ ގުޅޭގޮތުން ގިނަ ބަހުސްތަކެއް ކުރެވެމުންދާއިރު، އެ ވުޒާރާއިން މި މަޢުލޫމާތު ޙިއްސާކޮށްފައި ވަނީ ސޯޝަލް މީޑިއާގައެވެ.
ސޯޝަލް މީޑިއާގައި ހިއްޞާކުރި އެ ޕޯސްޓުގައި ދިފާއީ ވުޒާރާއިން ބުނީ، ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން، ޤައުމުތަކުގެ ސަރަޙައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދެއް ކަމަށެވެ.
މީގެ އިތުރުން، ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުން ބޭރަކީ ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުކަމަށާއި، އަދި ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދު ބޭނުން ކުރުމަކީ ޙުއްދާ ހޯދަންޖެހޭ ކަމެއްނޫންކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޢާންމު މަޢުލޫމާތަށްޓަކައި.
ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް). އަދި، ދިވެހިރާއްޖޭގެ… pic.twitter.com/CQonSB5NXZ
— Ministry of Defence (@MoDmv) March 24, 2026
ނަމަވެސް ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭއިރު، އެއީ ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގެ ބޭރުކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއްކަމުން، އެފް.އައި.އާރ ޒޯނުން ދަތުރުކުރާ އުޅަނދުތަކަށް ޚިދުމަތް ދޭން ޖެހޭނެކަން ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން އިންޓަރނޭޝަނަލް އެއަރސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.







