ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވީއޭއެމް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު 2026 އެޕްރީލް 11 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ވީއޭއެމް އިން ބުނީ މި މަޤާމަށް މެންބަރަކު އިންތިޚާބުކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށް ކަމަށާއި، އެ މުއްދަތު ހަމަވާނީ 1 އެޕްރީލް 2029 އަށް ކަމަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި، އެސޯސިއޭޝަނުގެ މެންބަރު ކުލަބެއްގެ މެންބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުމާއި، ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން. ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުން އަދި ބުއްދި ސަލާމަތުން ހުރުން ހިމެނެއެވެ.
ވީއޭއެމް އިން ބުނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރުގެ މަޤާމަށް ކުރިމަތިލެވޭނީ ވަކި މެންބަރެއްގެ ގޮތުގައި ކަމަށެވެ.
އެހެންކމުން، މި މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު 1 އެޕްރީލް 2026 ގެ 14:00 ގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.







