ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު ބިނާކުރާ މިސްކިތެކެވެ.
ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި، މިސްކިތް ހަދިޔާކުރައްވާ ސިސިލްފަރު، މުޙައްމަދުފުޅުގެ އާއިލާގެ ފަރާތުން ޙާމިދު ނަޝީދު މުޙައްމަދުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތްކުރަނީ 3 ފަންގިފިލާގެ އިމާރާތެއްކަމަށާއި މިއީ 1500އެއްހާ މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އަދި އަންހެނުން ނަމާދުކުރުމަށް ޚާއްސަ ބައިވެސް ހިމެނޭނެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ލިފްޓް ވެސް ބަހައްޓާނެކަމަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުފް އިމާރާތަކާއެކު ތަރައްޤީކުރަން އެންމެ ފުރަތަމަ ހަވާލުކުރީ 2018ވަނަ އަހަރުއެވެ. ނަމަވެސް މަޝްރޫޢު ހަވާލުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކުރިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ އަމާޒަކީ މި މިސްކިތުގެ މަސައްކަތް ދޮޅު އަހަރުގެތެރޭގައި ނިންމާ ބޭނުންކުރުންކަމަށެވެ.






