އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ޚާރްގް އައިލެންޑްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ބޮން އަޅާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އީރާނުން ހުރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކަތް ހުއްޓާނުލާނަމަ އެ ޤައުމުގެ ތެޔޮ އުފައްދާ މުހިންމު މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
މީގެ ރައްދުގައި އީރާނުން ހޮނިހިރު ދުވަހު އިންޒާރު ދީފައިވަނީ، ޚާރްގް އައިލެންޑްގައި ހުރި ތެޔޮ އުފައްދާ ވަސީލަތްތަކަށް ހަމަލާދީފިނަމަ، އެމެރިކާއާ ގުޅުންހުރި ތެޔޮ މަރުކަޒުތައް "އަޅިޔަށް ހަދާލާނެ" ކަމަށެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާރު ތިން ހަފުތާ ވެފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކާއެކުވެސް ޚާރްގް އައިލެންޑުން ތެޔޮ ބޭރުކުރުމުގެ މަސައްކަތް އާންމު އުސޫލުން މެދުނުކެނޑި ދަނީ ކުރިއަށެވެ.
ޚާރްގް އައިލެންޑަކީ އީރާނުން 90 އިންސައްތައަށްވުރެ ގިނަ ތެޔޮ ބޭރުކުރާ މައި މަރުކަޒެވެ. މި ހަނގުރާމަ ފެށުނު ފަހުން ސާފުނުކުރާ ތެލުގެ އަގު ވަނީ 40 އިންސައްތައަށްވުރެ ބޮޑަށް މައްޗަށް ގޮސްފައެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އެ ރަށުގައި ހުރި އަސްކަރީ ހުރިހާ އަމާޒުތަކެއް މުޅިން ސުންނާފަތިކޮށްލާފައެވެ. އޭނާ މި ހަމަލާ ސިފަކުރެއްވީ މެދުއިރުމަތީގެ ތާރީޚުގައި މިހާތަނަށް ދެވުނު އެންމެ ވަރުގަދަ ބޮން އެޅުމުގެ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގެ ތެޔޮ އުފައްދާ ވަސީލަތްތައް މުޅިން ހަލާކުކޮށްނުލުމަށް މިވަގުތަށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުފަތުރު ކުރުމަށް އީރާނުން ނުވަތަ އެހެން ފަރާތަކުންވެސް ހުރަސްއަޅާނަމަ، ވަގުތުން މި ނިންމުން މުރާޖާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ބުނާ ގޮތުގައި، ހަމަލާތަކުގެ ތެރޭގައި ޚާރްގް އައިލެންޑުން 15 އަށްވުރެ ގިނަ ގޮވުމުގެ އަޑު އިވިފައިވެއެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ކަނޑުގެ ސިފައިންގެ މަރުކަޒަކަށާއި، އެއާޕޯޓަށެވެ. އެހެންނަމަވެސް ތެޔޮ އުފައްދާ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ވަލް ތެހެރާނުން ބުނި ގޮތުގައި، އީރާނުން ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދީފިނަމަ، އެއީ މުޅި ސަރަހައްދަށާއި ތެލާއި ގޭހުގެ މުޅި ސިނާޢަތަށް ކުރިމަތިވާނެ "ނުރައްކާތެރި ހާލަތެކެވެ".
އީރާނުން މިހާތަނަށް ކެތްތެރިކަން އިސްކުރި ނަމަވެސް، އެމެރިކާއިން އިންޒާރު ދޭ ފަދައިން އީރާނުގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދީފިނަމަ އެ ކެތްތެރިކަން ކޮޅުންލައިދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.





