ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އޮބްޒާވަރުންނަށްވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، 2026 މާރިޗު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2026 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އީސީން ބުނީ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިން ކަމަށާއި، ޖަމްޢިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްޢިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލުން ކަމަށެވެ. އަދި އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީވެސް އެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަދި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ %10 އިތުރުނުވާ ގޮތަށް ކަމަށާއި، ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށް ކަމަށްވެސް އީސީން ބުނެފައިވެއެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.






