ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން އެދިފައިވާއިރު އޭގެތެރެއިން 45 ފަރާތެއްގެ ހުށަހެޅުން ވަނީ އެޕްރޫވްކޮށްފައިކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވިނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދޯނި ފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން އައިސް ހޯދަން ކުރާ ހަރަދު ނިމުމަކަށް އަންނާނެ ކަމަށެވެ. އައިސް ހޯދުމަށް ރަށްރަށަށް ދުއްވަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް ކަމަށާ މި ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަަމަށެވެ.
އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ، ވަރަށް ޒަމާނީ ސިސްޓަމެއް ކަމަށާ ދޯނީގައި މި ނިޒަމް ގާއިމް ކުރުމުން އައިސް ހޯދުމަށް ހުރި ދަތިތައް ޙައްލުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ވަނީ ކުޑަ ކޮށްފައެވެ.މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެއެވެ. މި ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެއެވެ.







