ސިފައިންނާއި ފުލުހުން އަދި ކުންފުނިތައް ގުޅިގެން ކުރީ އަަހަރުތަކެކޭ އެއްފަދައިން ''ޢީދު ހަވީރު 1447'' ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި ޢީދު ދުވަހުން ފެށިގެން ތިން ދުވަހު ''ޢީދު ހަވީރު 1447'' އޮންނާނެ ކަމަށާއި، އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"ޢީދު ހަވީރު 1447"ގެ ހަރަކާތްތައް ފެށިގެންދާނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.
ޢީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލައި މިފަހަރު "ޢީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށާއި، މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި "ޢީދު ހަވީރު 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އަދި ޢީދު ހަވީރުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
އެމްއެންޑީއެފުން ބުނީ މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށެވެ.
"ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ވެސް އޮންނާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.





