ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި، ދިވެހި އަންހެނުންގެ ހިތްވަރާއި، ހިކުމަތްތެރިކަމާއި، އޯގާތެރިކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި އާއިލާތައް ބިނާކުރުމުގައާއި، މުޖުތަމައަށް އިރުޝާދުދިނުމުގައާއި، ޤައުމީ ކުރިއެރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖުގައި، މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ހިއްސާ ފާހަގަކުރައްވަމުން، އެކަމަނާ ވަނީ އަންހެނުންނަކީ މައިންގެ ގޮތުގައާއި، އަންހެން ދަރިންގެ ގޮތުގައާއި، އުޚުތުންގެ ގޮތުގައި އަދި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އެހީތެރިވާ ލީޑަރުންގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަމަ މި މޭރުމުން، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިއްޒަތާއި، ހަމަހަމަ ފުރުސަތާއި، އިންސާފު ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ހަމަހަމަކަން ގާއިމުވެފައިވާ މުޖުތަމައެއްގައި އެއްވެސް ހުރަހެއްނެތި ކޮންމެ މީހަކަށްވެސް އެމީހެއްގެ އުންމީދުތައް ހާސިލުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ވަނީ، 'ގްރޭޓަރ އައްޑޫ ވިޜަން' އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. މިމޭރުމުން، އަންހެނުންގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެމަނިކުފާނުވަނީ އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ޤާނޫނީ އިސްލާހުތަކުގެ ތެރެއިން އެ ކޮމިޓީތަކުގެ ދައުރު ފުޅާކުރުމާއި، ކޮމިޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދޭން ފެށުމާއި، ކޮމިޓީތަކަށް ކަނޑައަޅާ ބަޖެޓު ފަސް އިންސައްތައިން ދިހަ އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި ލޯނު ސްކީމްތަކާއި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތަކަކީވެސް އަންހެނުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.






