ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޖައިނަބު ވާޖިދު ޢަލީ، (25އ) އާއި މުޙައްމަދު ނަވާޒް ދަޔަތަރު، (21އ) އެވެ.
ފުލުހުން ބުނީ އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






