'އަލް-އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން 110 މީހަކު ޢުމްރާއަށް ގެންދަން އިންތިޒާމުކުރި ދަތުރު، ފަހު ވަގުތު ކެންސަލްކުރި މައްސަލައިގައި، އެ ކުންފުނީގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އަލް-އަބްރާރު ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖައްސާފައިވާ ޢުމްރާ ދަތުރަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ޢުމްރާވެރިން ވަމުން ދަނިކޮށް، ދަތުރު ކެންސަލްކުރިކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން ކަން ހިނގި ގޮތުގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އަލް-އަބްރާރު ކުންފުނިން ޢުމްރާ ދަތުރު ކެންސަލްކުރީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖޭން މީހުން ޢުމްރާއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް، މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ސަބަބަށްޓަކައި، އެ ކުންފުންޏަށް ދޫކުރި ހުއްދަ ވަގުތީގޮތުން ހިފަހައްޓަން ނިންމައި، އެކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް، މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި މައްސަލައިގައި އިތުރު މައުލޫމާތު ސާފުކޮށް، އުސޫލުގެ ތެރެއިން އަލް-އަބްރާރު ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ، މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ ތެރެއިން މިހާތަނަށް ޢުމްރާއަށް ނުފުރިތިބި ޢުމްރާވެރިންނަށް އެހީތެރިކަން ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެހީތެރިކަން ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޢުމްރާވެރިންގެ އަތުން ފައިސާ ނެގުމަށްފަހު، އަލް-އަބްރާރު ކުންފުނިން ފަހުވަގުތު ޢުމްރާ ދަތުރު ކެންސަލްކުރި މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.







