ލުބުނާނުގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 12 މީހުން ޝަހީދުވެއްޖެއެވެ. މިއީ ހިޒްބުالله ޖަމާއަތާއެކު ވެފައިވާ 2024 ގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން އެންމެ ފަހުން ޚިލާފުވި ފަހަރެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ އިރުމަތީގައިވާ ބިކާ ވާދީއަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން ހަ މީހުން މަރުވެ، 25 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އެން.އެން.އޭ އިން ފަހުން ވަނީ ބިކާ ގަވަރުނަރޭޓްގެ ރިޔާޤު އަވަށުގައި ހުރި އިމާރާތަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 10 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައެވެ.
އެ ސަރަހައްދުގައި ދިރިހުރި މީހަކު ފެނޭތޯ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އިޒްރޭލު ސިފައިން ބުނެފައިވަނީ އެމީހުން ހަމަލާދިނީ ބިކާގެ ބާލްބެކް ސަރަހައްދުގައި ހުރި ހިޒްބުاللهގެ "ކޮމާންޑް ސެންޓަރުތަކަށް" ކަމަށެވެ. ހިޒްބުاللهގެ މަސްދަރަކުން އޭ.އެފް.ޕީ އަށް މައުލޫމާތު ދިން ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި އެ ޖަމާއަތުގެ އަސްކަރީ ލީޑަރަކު ހިމެނެއެވެ.
ހުކުރު ދުވަހުގެ ކުރީކޮޅު، ލުބުނާނުގެ ދެކުނުގައިވާ ސިޑޯން ސިޓީގެ ބޭރުގައި އޮންނަ، ފަލަސްތީނު ރެފިއުޖީންގެ އެންމެ ބޮޑު ކޭމްޕް ކަމަށްވާ "ޢައިން އަލް-ޙިލްވާ" އަށް އިޒްރޭލުން ދިން ހަމަލާގައި މަދުވެގެން ދެ މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ ބުނެފައެވެ. އެން.އެން.އޭ އިން ރިޕޯޓްކުރި ގޮތުގައި އިޒްރޭލުގެ "ޑްރޯން" ހަމަލާ އަމާޒުކޮށްފައިވަނީ ކޭމްޕްގެ ޙިއްޠީން އަވަށަށެވެ.
އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، ޙަމާސްގެ "ކޮމާންޑް ސެންޓަރަކަށް" ހަމަލާދީފައިވާ ކަމަށެވެ. ޙަމާސް ޖަމާއަތުން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މީގެ ސަބަބުން އާންމުންނަށް ގެއްލުން ލިބިފައިވާކަން ފާހަގަކޮށްފައެވެ.
އެން.އެން.އޭ އިން ރިޕޯޓްކުރި ގޮތުގައި ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި، ކުރިން ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ބޭނުންކުރި ނަމަވެސް މިހާރު ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބަދިގެއެއްގެ ގޮތުގައި ކުއްޔަށް ދީފައިވާ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މިދިޔަ ނޮވެމްބަރު މަހުވެސް އިޒްރޭލުން ޢައިން އަލް-ޙިލްވާ އަށް ދިން ވަރުގަދަ ހަމަލާއެއްގައި 13 މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފައިވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އެފަހަރުވެސް ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ޙަމާސްއަށް ކަމަށެވެ. ނަމަވެސް ޙަމާސް އިން އެކަން ދޮގުކުރަމުން ބުނެފައިވަނީ، ލުބުނާނުގެ ރެފިއުޖީ ކޭމްޕްތަކުގައި އެ ޖަމާއަތުގެ އެއްވެސް އަސްކަރީ ތަމްރީނު މަރުކަޒެއް ނުހުންނާނެ ކަމަށެވެ.







