އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެއެވެ.
މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ހަރަކާތެކެވެ.
އެމްއެންޑީއެފުން ބުނީ މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ޤައުމަކުން ބައިވެރިވެފައިވާ ކަމަށާއި، މި ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މި ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލެއްވި ކަމަށާއި، މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ކަމަށެވެ.
އަދި ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށާއި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.







