ސޫދާނުގެ އުތުރުގައި އޮންނަ "ރިވަރ ނައިލް" ސްޓޭޓްގައި، ނީލަ ކޯރު ހުރަސްކުރި ފެރީއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މަދުވެގެން 21 މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދާޚިލީ ދިފާޢީ އިދާރާތަކުން ހާމަކޮށްފިއެވެ.
ސޫދާނުގެ ސޮވެރެންޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި، މި ހާދިސާގައި މަރުވި 21 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން ފާހަގަކޮށް، އެކަމުގެ ފުން ހިތާމަ ފާޅުކޮށްފައިވެއެވެ.
ސޫދާނުގެ ސިވިލް ޑިފެންސްގެ އެސިސްޓަންޓް ޑައިރެކްޓަރ ޖެނެރަލް، ޕޮލިސް މޭޖަރ ޖެނެރަލް ގުރައިޝީ ޙުސައިން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް 6 ނުވަތަ 7 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ޑަޒަނެއްހާ މީހުން ނުފެނިގެން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
ލަކުޑިން ހަދާފައިވާ މި ފެރީގައި 30 އާއި 35 އާ ދެމެދުގެ އަދަދަކަށް މީހުން ތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންވެސް ހިމެނެއެވެ. މި ހާދިސާ ހިނގީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ޝެންޑީ ޑިސްޓްރިކްޓްގެ ތައިބާ އަލް-ޚަވާދު އަދި ދައިމް އަލް-ޤަރާއީ އަވަށާ ދެމެދު ދަތުރުކުރަނިކޮށް ކަމަށް ޙުސައިން ވިދާޅުވިއެވެ.
ޙުސައިން އިތުރަށް ވިދާޅުވީ، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިވުމަށް ވެރިރަށް ޚަރްތޫމުން ޚާއްޞަ ޓީމުތަކެއް ފޮނުވާފައިވާ ކަމަށާއި، ރިވަރ ނައިލް ސްޓޭޓްގެ ހުރިހާ ސިވިލް ޑިފެންސް ޓީމުތަކެއް މިހާރު މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޯރުގެ ތެރެއަށް ގެނބުނު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރިއަށެވެ.
ސޫދާނުގެ ސިއްހީ މާހިރުންގެ ޖަމިއްޔާއެއް ކަމަށްވާ "ސޫދާން ޑޮކްޓާސް ނެޓްވޯކް" އިން ހާމަކުރި ގޮތުގައި، މި ހިތާމަވެރި ހާދިސާއިން އެ ގައުމުގެ ކޯރުތަކުގެ ދަތުރުފަތުރުގެ ނިޒާމު އޮތް ނާޒުކު ހާލަތާއި، އަސާސީ ސަލާމަތީ މިންގަނޑުތައް އެކަށީގެންވާ ގޮތެއްގައި ނެތްކަން ހާމަވެގެންދެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ހާދިސާ ހިނގި ވަގުތު ކަމާބެހޭ އިދާރާތަކުންނާއި ސިވިލް ޑިފެންސް ޓީމުތަކުން އިޖާބަދިނުން ލަސްވުމުގެ ސަބަބުން، ކާރިސާގައި ލިބުނު ގެއްލުންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ. އެހެންކަމުން، ކޯރުތަކުގައި ކުރާ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މައުސޫމް އިންސާނުންގެ ފުރާނަ ގެއްލިގެންދާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މިއީ އެ ސަރަހައްދުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. 2018 ވަނަ އަހަރުވެސް ކުދިންތަކެއް ސްކޫލަށް ގެންދިޔަ ބޯޓެއް ނީލަ ކޯރަށް ބަންޑުން ޖަހާލައި، މަދުވެގެން 23 މީހުން މަރުވިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ފާހަގަކުރެވެއެވެ.




