އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް އިން ވިއްކަމުންދާ ކައްކާ ގޭހުގެ ސަޕްލައި އަށް ދިމާވެފައިވާ ދަތިތައް އަންނަ ހަފުތާގައި މުޅިން ހައްލުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް، ޔޫސުފް ޝާޙް މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައި އަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނިން ކޮންޓްރޯލްކޮށް ގޭސް ވިއްކުމަކީ ކުރިންވެސް ކުރާ ކަމެއް ކަމަށެވެ.
އަދި ޝާޙް ވިދާޅުވީ ގޭސް ހުސް ނުވާ ކަމަށާއި، މައްސަލަ މުޅިން ހައްލުކޮށް، އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށެވެ.
ޝާޙް މިހެން ވިދާޅުވިއިރު، ސަޕްލައި އަށް ބުރޫއަރައި، މޯލްޑިވް ގޭސް އިން މިހާރު ދަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި އަގުހެޔޮ ރޭޓުތަކެއްގައި ހަތް ކިލޯގެ ގޭސްފުޅި ވިއްކަމުންނެވެ.
ނަމަވެސް އެސްޓީއޯ އިން ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވް ގޭހުން ވެސް ކުރަމުންދާ ކަމަށެވެ. އަދި އަބަދުވެސް ލުއިފަސޭހަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.




