ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިޢާ މިސްކިތަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ނުރައްކާތެރި ޙަމަލާއެއްގައި، މަދުވެގެން 31 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މިއީ އެ ރަށުގައި މިހާތަނަށް ހިނގި މިފަދަ އެންމެ ބޮޑު އެއް ހާދިސާއެވެ.
މި ބާރުގަދަ ގޮވުން ގޮވާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ތަރްލާއީ ކަލާން ސަރަޙައްދުގައި ހުންނަ ޚަދީޖަތުލް ކުބްރާ މިސްކިތުގައި، ހުކުރު ނަމާދު ވަގުތުގައެވެ. ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި ޙަމަލާ ދިން މީހާއަކީ އަފްޣާނިސްތާނަށް ދަތުރު ކުރަމުންދިޔަ މީހެކެވެ.
އިސްލާމްއާބާދުގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި ޒަޚަމްވި 169 މީހަކު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ހަވީރު އައިސިސް ޖަމާޢަތުން ވަނީ އެމީހުންގެ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް މި ޙަމަލާގެ ޒިންމާ އުފުލާފައެވެ. އެ ޖަމާޢަތުން ވަނީ ޙަމަލާ ދިން މީހާ ކަމަށް ބުނާ މީހަކު ބަޑިއެއް ހިފައިގެން ހުއްޓާ ފެންނަ ފޮޓޯއެއްވެސް އާންމުކޮށްފައެވެ. މީގެ ކުރިންވެސް ޕާކިސްތާނުގެ ޝީޢީންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގެ ތުހުމަތު އައިސިސް އާ ގުޅުން އޮންނަ ޖަމާޢަތްތަކަށް ވަނީ ކުރެވިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި "އަލްޖަޒީރާ" އިން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ލެއިން ތަތްތެޅިފައި ތިއްބައި ފެނެއެވެ. އަދި މިސްކިތުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ތަނުގެ އެކި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނެއެވެ.
އިސްލާމްއާބާދުގައި ދިރިއުޅޭ އައުން ޝާހް ބުނި ގޮތުގައި އޭނާގެ ބައްޕައަށް ވަނީ މި ޙަމަލާގައި ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާ ބުނި ގޮތުގައި ބައްޕަގެ ބަނޑަށް ވަނީ ބޮޑު ޒަޚަމެއް ލިބިފައެވެ.
ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިޝްޙާޤް ދާރް ވަނީ މި ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ނަމާދަށް ތިބި ކުށެއް ނެތް މީހުންނަށް އަމާޒުކޮށް ދިން ފިނޑި ޙަމަލާއެކެވެ.
އަދި އަޅުކަންކުރާ ތަންތަނަށާއި އާންމުންނަށް ޙަމަލާ ދިނުމަކީ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށާއި، އެއީ އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވިއެވެ.




