ސަތޭކައަށް ވުރެ ގިނަ ބައިވެރިންނާއި އެކު ޕަބްލިކް ހެލްތު ކޮންފަރެންސް 2025 މިއަދު ފަށައިފިއެވެ.
ވިލާ ނޯޓިކަލްގައި ކުރިއަށްދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
ޕަބްލިކް ހެލްތު ކޮންފަރެންސް 2025 ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. އަދި މި ކޮންފަރެންސް ބޭއްވެނީ އިންޓަރނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައި.އޯ.އެމް) އަދި ސާރކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެހީގައެވެ.
ޕަބްލިކް ހެލްތު ކޮންފަރެންސްއަކީ އާއްމު ޞިއްޙަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް މަޝްވަރާތަކާއި ކަމާބެހޭ ކަރުދާސްތަކާ ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެ އާންމު ޞިއްޙަތުގެ ކަންކަމަށް ޙައްލު ހޯދުމަށް ޚިޔާލު ބަދަލުކުރުމަށް ބާއްވޭ ފޯރަމްއެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ''Equitable Access, Reducing Vulnerabilities: Advancing Migrant Health in the Maldives'' މިއެވެ.
އެޗްޕީއޭ އިން މައުލޫމާތުދޭގޮތުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން 100އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 4 މީހަކުން އެކަކަކީ ބިދޭސީއެކެވެ. ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ %43އަކީ ބިދޭސީންނެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ވަރަށް މުހިއްމެވެ.
ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ރާއްޖޭގައި ކޮންޓްރޯލްވެފައި ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، އެންމެ ގިނަ ބިދޭސީން ރާއްޖެއަށް އަންނަ ޤައުމުތަކުގައި އަދިވެސް ފެތުރެމުންދެއެވެ. މީގެ އިތުރުން، ބިދޭސީން ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މާހައުލުގެ ހާލަތާއި، ވިސާނެތި އުޅުމާއި، މަސައްކަތްތެރިންގެ މާލީ ހާލަތު އަދި މުޖުތަމައުގައި އެމީހުން ތަހައްމަލުކުރަންޖެހޭ ތަފާތުކުރުން ފަދަ ކަންކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އަދި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބުމަށް އެޅޭ ހުރަސްތަކެވެ.
މި ހުރަސްތަކުން އަރައިގަނެ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤައުމީ ފެންވަރުގައި ވިލަރެސް ކުރުމަށްޓަކައި 'މައިގްރަންޓް ހެލްތު ޕޮލިސީ" ނުވަތަ ބިދޭސީންގެ ޞިއްޙަތުގެ ސިޔާސަތު ސަރުކާރުން މިއަހަރު ވަނީ ތަންފީޒުކުރަން ފަށަފައެވެ. މި ޕޮލިސީގައި ހިމެނޭ 5 ދާއިރާގެ ތެރެއިން 3 ދާއިރާގައި ހުރި ކަންކަމާމެދު މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންދާނެއެވެ.





