ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނުގެ އިތުރުން ފުލުހުންގެ ހަ އޮފިސަރަކު ސަސްޕެންޑުކުރަން ހުށަހަޅަން ފާސްކޮށްފަ އެވެ. މި ނިންމުން ނިންމާފައިވަނީ ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ އާއި، ފުލުހުންނާ ގުޅުންހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެން ކޮމިޓީން ކުރި ތަހުގީގަކަށް ފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމާފައިވަނީ އިއްޔެ އާއި މިއަދު ބޭއްވި ސިއްރު ބައްދަލުވުންތަކެއްގައެވެ. މި ތަހުގީގުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ މައްސަލަތަކަށް ބަލާފައިވެއެވެ.
ސަސްޕެންޑުކުރަން ހުށަހަޅަން ކޮމިޓީން ފާސްކުރި އޮފިސަރުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނިވަޑައިގަންނަވައެވެ. އަދި އޭގެ އިތުރުން ސަސްޕެންޑުކުރަން ހުށަހެޅި ފުލުހުންގެ އިސް އޮފިސަރުންނަކީ:
- ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް (އިންޓެލް ހެޑް)
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން
- އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު
މިގޮތަށް ހުށަހެޅުމަށްފަހު، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރުމަށްޓަކައި ހުށަހަޅަން ވަނީ ނިންމާފަ އެވެ.






