ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޔޫޕީއާރްގެ 4 ވަނަ ބުރުގައި ރާއްޖޭގެ ދާޚިލީ ދާއިރާ ތަމްސީލްކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އޮތް ނިޒާމު ހަރުދަނާކޮށް ބައިނަލްއަޤްވާމީ އެހެން ޤައުމުތަކެކޭ އެއްފަދައިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، އުޅަނދުތަކުގައި ޓްރެކިން ޑިވައިސްތައް ބޭނުންކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުވާލައްވާ ވަޒީރު ވަނީ ހޯޕް އައިލެންޑް އަދި ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރަށް ގެންނަ ބަދަލާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
އަދި މިމަސައްކަތް ކުރެވެނީ ކުށަށް ހުށަހެޅިފައިވާ ކުދިން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.




