އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވަން މިއަދު ސޮއިކުރެއްވި 205 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރެއްވުމަށް ނަސަންދުރާ ބާސެލޯސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ވަނީ މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަން ފާހަގަކުރައްވާފައެވެ. މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކާއި މިދިޔަ ދެ ދުވަހުގައި ސޮއިކުރެއްވި މަޝްރޫޢުތަކާއި އެކު ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކުރައްވާފައެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ސޮއިކުރައްވާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންގޮސް، ޚާއްޞަ ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މަސައްކަތް ޙަވާލުކުރެއްވި ހުރިހާ ކުންފުންޏަކީ، އިތުބާރު އޮތް ކުންފުނިތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ކުންފުނިތަކުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި މަސައްކަތް ކުރަން ތަކެތި މޮބިލައިޒްކުރައްވަން ފައްޓަވާނެ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާކަމަށާއި މިކަން ކުރެވިފައިވަނީ ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުންފުނިތަކާއި މަޝްރުޢޫތައް ޙަވާލުކުރައްވާފަނީ ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ތެރެއިން އަންނަ ލަސްތަކެއް، މިއަދު ސޮއިކުރެވުނު އެއްވެސް މަޝްރޫޢުތަކުގައި ނާންނާނެކަމުގެ ޔަޤީންކަންދެއްވާ، ކުންފުނިތަކުން މަސައްކަތްނިންމާ ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މިކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން ކުންފުނިތަކަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ދެއްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތަފާތު ނުވަ ދާއިރާއާއި ގުޅޭ މަޝްރޫޢުތަކެވެ. އޭގެ ތެރޭގައި ތަޢުލީމް، ޞިއްހަތު، ތިމާވެށި، މަސްވެރިކަން، ކުޅިވަރު، ގެދޮރުވެރިކަން، ދީނީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން ޒުވާނުންނާއި ގުޅޭ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރެއްވުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އެމަނިކުފާނު އެކި ފަހަރުމަތިން ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް ގެންދަވާ މަޝްރޫއުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ގެދޮރުވެރިކަމާއި ގުޅޭ މަޝްރޫޢުތަކެއް މާލޭ ސަރަހައްދުގައިވެސް ފެށުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާކަން ހާމަކުރައްވާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ފުރިހަމަވެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަންދެއްވަމުންނެވެ.




