މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް އާކުރުމުގެ އިންތިޒާމް 'ކެޔޮޅު' ވެބް-ޕޯޓަލް މެދުވެރިކޮށް ހަމަޖައްސައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މި އިންތިޒާމުގެ ދަށުން، ނޮވެންބަރު 4 ވަނަ ދުވަހުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ނޮވެންބަރު 23 ވަނަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާކުރުމަށް ހުށަހަޅާ ފޯމު ބަލައިގަންނާނީވެސް ހަމަ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. 'ކެޔޮޅު' ޕޯޓަލްއަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.
'ކެޔޮޅު' ޕޯޓަލް އަކީ މިހާރުވެސް މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މަސްވެރިކަމާ ބެހޭ ވުޒާރާއަށް ފޮނުވުމަށް، އަދި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް އެ ވުޒާރާއިން ބޭނުންކުރަމުންދާ ވަޞީލަތެކެވެ.
މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އާ ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް މަސްވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ.
މިގޮތުން، ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްވެސް މިނިސްޓްރީން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 3339270 ނުވަތަ 3339272 ނަންބަރަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.





