ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ 20:30 ގައި މާލޭ އާޓިފިޝަލް ބީޗުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ބައްދަލުވުން، "ދިވެހީންގެރާއްޖެ" އަށް މި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.#DhiveheengeRaajje #CongressPartyMV pic.twitter.com/MvpIbotJwf
— PNC Secretariat (@pnc_secretariat) November 3, 2025
އަދި މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޕީއެންސީން ހާމަކުރެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެންދާއިރު، އެމަނިކުފާނުގެ ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ހާސިލުކުރައްވައިފައެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި، ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވައިފައެވެ.




