ފުޑް ސެކިއުރިޓީ(ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް ކ. ކާށިދޫގެ ބިމުން 1 ހެކްތަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ އަދި ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.
ފުޑް ސެކިއުރިޓީގެ މައިގަނޑު މަޤްސަދަކީ
- މޫސުމަށް ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުން
- ރަށު ފެންވަރުގައި ވަރުގަދަ ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކޮށްގެން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރުން
- ދަނޑުވެރިކަމުގެ ދާއިރާގައި ތަމްރީނު، ވަޒީފާ އަދި ވިޔަފާރީގެ ފުރުޞަތުތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އެންމެންގެ ބައިވެރިވުން އިތުރުކުރުން
- އަގުހެޔޮ، ޞިއްޙަތަށް ފައިދާހުރި އަދި ތާޒާ ކާބޯތަކެތި ލިބުމުގެ ފުރުޞަތު ފަހިކޮށްދީގެން ކެއުމުގެ ރައްކާތެރިކަން އިތުރުކުރުން
- އިޤްތިޞާދީ، އިޖްތިމާޢީ އަދި ކެއުމުގެ ރައްކާތެރިކަމުގެ ގޮތުން ރަށުގެ މުޖުތަމަޢަށް މިންކުރެވޭ ފައިދާތަކެއް ފޯރުކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ:
- ކ. ކާށިދޫގެ ޒުވާނުންނާއި، އަންހެނުންނާއި، އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ވިޔަފާރީގެ ހުނަރުތަކާއި، އަދި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަމާޒުކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތައް
- މުޖުތަމަޢުތަކަށް އަމާޒުކޮށް ހިންގޭ ކޯޕަރޭޓިވްތަކާއި ނުވަތަ ހިންގުމުގެ އިދާރާތައް އުފެއްދުން
- ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގުން
ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވައިގެން ފަށާފައިވާ، ފުޑް ސެކިއުރިޓީ މަޝްރޫޢުގެދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުން ދޫކުރާ ބިންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާށިދޫގައި ފެށޭ މި މަޝްރޫޢުގެ ސަބަބުން ކާށިދޫގެ އިޤްތިޞާދަށްވެސް މަންފާކުރާނެކަންވެސް ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






