އިސްދޫ-ކަލައިދޫ އަކީ ރާއްޖޭގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ ސިޔާސަތުގެ ދަށުން އިސްދޫ ކަލައިދޫގައި އެފަދަ ތަންތަން ދައްކުވައިދޭ ޚާއްޞަ ތަނެއް، ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދަވަން ނިންމާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ލ އިސްދޫ ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތު ދިރުވައި އާލާކުރަން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ވަރަށް ބޮޑަށް އިސްކަމެއް ދެއްވާކަމަށެވެ. ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ތެރޭގައި، ރާއްޖޭގެ ތާރީޚު ދިރުވައި އާލާކުރުން، ތާރީޚީ ކަންކަން އޮޅުންފިލުވައި، އެކަންކަން އިތުރަށް ޒުވާނުން، ކުޑަކުދިން، އަދި ރާއްޖެއަށް ވިޒިޓްކުރާ ފަތުރުވެރިންނަށް، އެނގޭނެފަދަ ގޮތްގޮތަށް، އަންނަން އޮތް ޒަމާންތަކަށް ރައްކާތެރިކޮށް، ތަރައްޤީކޮށް ދެމެހެއްޓުމާއި ބެލެހެއްޓުން މުހިއްމުކަމަށެވެ. އެ ނިޒާމު ގެނައުން އެއީ ސަރުކާރުގެ ސިޔާސަތުގައި އޮތް ކަމެއް، ޤައުމިއްޔަތު ދިރުވައި އާލާކުރާއިރު ތާރީޚާއި ސަގާފަތް ދިރުވައި، އާލާކުރުމުގައި އިސްދޫ ކަލައިދޫ އަށް ސަމާލުކަން ދޭންޖެހޭ. ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
'' އާދެ، ޓޫރިޒަމް ފުޅާކުރުމުގައިވެސް، އަޅުގަނޑުމެންގެ އެ ސިޔާސަތު އެއީ މި ދެންނެވިހެން، ރާއްޖޭގައި މިހިރަ ޚާއްޞަ ބައެއް ކަންކަން ބެލުމަށް އަންނާނެ ފަރާތްތަކަށް، ޝައުޤުވެރިކަން އިތުރުވާނެގޮތަށް ޓޫރިޒަމް ފުޅާކުރަން، "ވިޒިޓަރ އިކޮނޮމީ" ކޮންސެޕްޓްގައި އަޅުގަނޑުމެން އެ ކަންތައްތައް މި ރާވަނީ. އެހެންވީމާ، ތާރީޚީ ކަންކަން، ސަގާފީ ކަންކަން ބެލުމާއި، އެކަންކަމުގެ މަޢުލޫމާތު ހޯދަން ބޭނުންވާ ފަތުރުވެރިން، އެކި ޤައުމުތަކަށް ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ހަދާ. ހަމަ ޔަޤީނުންވެސް، އެފަދަ ފަރާތްތައް ބޭނުންވާނެ ރާއްޖެއަށްވެސް އަންނަން. އެހެންވީމާ، މިއީ އެގޮތުން ބަލާއިރުގައި، މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވޭނެ، ސަރުކާރުން އެކަމަކަށްޓަކައި ކަންތައްތަކެއް ކުރެވޭނެ، އަދި ކުރަންޖެހޭ ރަށެއް'' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، ވީހާވެސް އިސްކަމެއްދީގެން، މި ނަޒަރިއްޔާތުން، އެދެރަށުގައި ހުރި ތާރީޚީ ކަންކަން ރަނގަޅުކޮށްދީ، އަދި ދިވެހިވަންތަކަން، ދިވެހީންގެ ސަގާފަތާއި، އާދަކާދަ، ކުޑަކުދިންނާއި، ޒުވާނުންނާއި، ކިޔަވާކުދިންނާއި، ފަތުރުވެރިންނާއި، ހުރިހާ ފަރާތްތަކަށް ފެންނާނެ ފަދަ ގޮތަކަށް، މިތަނުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަން ގަސްދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްތަކާއި ގުޅިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
'' ވިޒިޓަރ އިކޮނޮމީ، މި ސިޔާސަތުގެ ދަށުން ހެރިޓޭޖް ޓޫރިޒަމް މި ރަށުގައި ކުރިއެރުވުމަށްޓަކައި، އަޅުގަނޑުމެން ފަށަން މި ގަސްދުކުރާ ކަންކަން، މި ދެ ރަށުގެ ދެ ކައުންސިލާ ގުޅިގެން، ކުރިއަށް ގެންދާނެ. މި މަސައްކަތް ހަމަ ޔަޤީނުންވެސް ވެގެންދާނީ، ފަތުރުވެރިކަން ކުރިއެރުވުމަށާއި، އަދި ޖުމްލަކޮށް ރަށުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަކަށް. އެހެންވީމާ، ކުރިއަށް މިއޮތް މަދު ދުވަސްކޮޅު، މިކަމަށް އަޅުގަނޑުމެން މަސައްކަތްތައް ފަށާނަން'' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.





