އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުގެ މޮނިޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހުގެ 16:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
އީސީން ބުނީ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް، ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށް ކަމަށާއި، ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނިޓަރަށް ކަމަށެވެ.
އަދި މޮނީޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެ ކަމަށްވެސް އީސީން ބުންޏެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ އެންޓްރީ އޮފިސަރެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް އިންނެވެ.






