ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕްރިންސިޕްލުންގެ މަހާސިންތާ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.
މިއަދު ފެށުނު ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއި އެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްޤީކުރުމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނޮސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ވިދާޅުވީ މިއީ މުދައްސުންގެ މަޝްވަރާވެސް ހިމަނައިގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްގެ ޕްރިންސިޕަލުން ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ހަނދާލީ ފިލައެއް އަރުވާފައެވެ. މި ފިލާ އެމަނިކުފާނަށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.





