އިފެކްޓިވް ވެކްސިން މެނޭޖްމަންޓް (އީ.ވީ.އެމް) އެސެސްމަންޓަކީ ވެކްސިން ފޯރުކޮށްދިނުމާއި ވެކްސިން ދެވޭ އާބާދީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެކްސިންގެ ސަޕްލައި ޗެއިން ހަރުދަނާކޮށް ބެލެހެއްޓުން ދެނެގަތުމަށް ބައިނަލްޣަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތެކެވެ. ރާއްޖޭގައި ވެކްސިނާބެހޭ މި އެސެސްމެންޓް ހެދުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމާއެކު މިކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް އަތޮޅުތަކުގައި މަސައްކަތްވަނީ ފަށައިފައެވެ. މި ގޮތުން 60 ރަށެއްގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި 10 ޓީމަކުން މި އެސެސްމެންޓްގެ މަސައްކަތް (ތާރީޚް) ން (ތާރީޚް) އަށް ކުރިއަށް ގެންދެވޭނެއެވެ.
މިއެސެސްމަންޓް ހެދުމުގައި ބޭނުންކުރަނީ ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ގުޅިގެން ތައްޔާރު ކޮށްފައިވާ ސްޓޭންޑަރޑް ޑިޖިޓަލް ޓޫލް އެވެ. މި ޓޫލް ބޭނުންކޮށްގެން ވެކްސިން ނުވަތަ އިމިއުނައިޒޭޝަން ސަޕްލައި ޗެއިންގައި ހިމެނޭ ބައިތައް ކަމުގައިވާ ވެކްސިން ރާއްޖެ ގެނައުމާއި ވެކްސިން ރައްކާކޮށްފައި ބެހެއްޓުމާއި ވެކްސިން އަތޮޅުތަކަށާއި ރަށްރަށަށް ފޮނުވުމުގެ ތެރޭގައި ވެކްސިންގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުރިގޮތާއި އަސަރުކޮށްފައިވާގޮތް ދެނެގަތުމުގެ އިތުރުން ވެކްސިން ބޭނުންވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބެލޭނެއެވެ. މި އެސެސްމަންޓްގެ ސަބަބުން ވެކްސިންގެ ކަންކަން ހަރުދަނާ ކުރެވި ޕްލޭންތައްހެދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި، އާލާތްތައް ހޯދުމަށް މަގުފަހި ވެގެންދެއެވެ.
ކޮންމެ ފަސް އަހަރަކުން ހެދޭ މި އެސެސްމަންޓްއަކީ ވެކްސިންގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ. މި އެސެސްމަންޓްއަކީ ވެކްސިން ސަޕްލައި ޗެއިންގެ ކަންކަން އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އިފެކްޓިވް ވެކްސިން މެނޭޖްމަންޓް (އީ.ވީ.އެމް) ގައި ހިމެނޭ މައިގަނޑު 4 ހަރުފަތަކީ ފެންވަރު ދެނެގަތުމާއި ރަގަޅުކުރުމަށް ފިޔަވަޅުތައް ރޭވުމާއި އެ ފިޔަވަޅުތައް ތަންފީޒުކުރުމާއި ކުރިއަށް ދާގޮތް މޮނިޓަރކޮށް ބެލެހެއްޓުމެވެ. މި ހެދޭ އެސެސްމަންޓުން ރާއްޖޭގައި ވެކްސިން ދިނުމުގެ މަސައްކަތް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެއެވެ.






