އުރުދުންގެ ވެރިރަށް އައްމާންގައި މިމަހުގެ 7 އިން 9 އަށްކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 8 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) ގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ތިންދުވަހަށް ދެމިގެންދާ މި ބައްދަލުވުމުގެ ފުރަތަމަ ދުވަހަކީ، ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއި ހެލްތް ދާއިރާގެ ފަންނީ ބޭފުޅުންގެ ބައްދަލުވުން ކުރިއަށްދާދުވަހެވެ. އަދި 8ވަނަ ދުވަހާއި 9ވަނަ ދުވަހަކީ އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުން އެޖެންޑާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާ ދެދުވަހެވެ. މިގޮތުން މިއަހަރުގެ މަޢުޟޫއަށް މިނިސްޓަރ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހިމްވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ސިއްހީދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލަމުން، މި ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަމަސައްކަތްކަމާއި، އަދި މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ސިއްހީދާއިރާއަށް ދެއްވާ އަހަންމިއްޔަތު ފާހަގަކޮށްލެއްވިއެވެ. މީގެއިތުރުން، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައަށް އަލިއަޅުއްވާލައްވައި، އިސްމާލީ ޤަޢުމުތައް ގުޅިގެން، ހުރިހާ ޤަޢުމަކުން އެކުގައި މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.
މި ބައްދަލުވުމަކީ އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަނެ، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ގެ ލަނޑުދަނޑިތައް ހާޞިލުކުރެވޮފައިވާ މިންވަރު ބަލައި ކުރިއަށް އޮތް ދިހަ އަހަރުގެ ސްޓްރެޓެޖިކް ޕްރޮގްރާމް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްދާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެއެވެ.
އޯ.އައި.ސީގެ 7 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި އެކުވެރި ޢަރަބި އިމާރާތް(ޔޫ.އޭ.އީ)ގެ ވެރިރަށް އަބޫދާބީގައިއެވެ.





