ދޮށީ އުމުރުގެ މީހުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ (އދ) ޖެނެރަލް އެސެމްބްލީން ނިންމީ 1990 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހުއެވެ. މިގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.
ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމުގައިވާތީ، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއަހަރުގެ ޝިޢާރުން ބާރުއަޅައެވެ. އަދި އިސްރަށްވެހިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށްވެސް މި ޝިޢާރުން ބާރުއަޅައެވެ.

އާއިލީހަވީރު
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް "އިސްރަށްވެހިންގެ ހަވީރު" ގެ ނަމުގައި ޚާއްސަ ހަވީރެއް ބާއްވާފައެވެ.
އިސްރަށްވެހިންގެ ހަވީރުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބޭއްވި އިސްރަށްވެހިންގެ ހަވީރަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއި އުރީދޫ މޯލްޑިވްސް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ހަވީރެކެވެ.
ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައި ބޭއްވި މި ހަވީރުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.

ޕެނަލް ޑިސްކަޝަން
ޓެލެވިޝަން މޯލްޑިވްސްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވަނީ، އިސްރަށްވެހިންގެ ތެރެއިން ތަފާރު ރޮނގުރޮނގުން ފާހަގަކޮށްލެވޭ ބޭފުޅުން ކަމުގައިވާ ސަލްވާ ހުސައިން، ނަސްރީނާ އަބްދުﷲ، ފަހީމާ އަބްދުލްޤާދިރު، ޖުވައިރިޔާ ވަޖުދީއެވެ. މި ޕެނަލް މޮޑެރޭޓްކޮށްދީފައިވަނީ ރުގިއްޔާ ވާފިރާ އެވެ.
މި ޕެނަލް ޑިސްކަޝަންގެ ތެރެއިންވަނީ އިސްރަށްވެހިންގެ އުއްމީދުތަކާއި، އަމާޒުތަކާއި އަދި މުޖުތަމަޢުން މިކަންކަން ދެނެގަނެ، މާނަހުރި ގޮތެއްގައި އެމީހުންގެ މިކަންކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން، މަޝްވަރާކޮށް ހިޔާލުހޯދާފައެވެ. އެގޮތުން، އިސްރަށްވެހިންނަކީ އެމީހުންގެ މުޅި އުމުރު ޤައުމު ބިނާކުރުމަށް، ދަރިން ބިނާކުރުމަށް ނުވަތަ މުޖުތަމައު ބިނާކުރުމަށް ހޭދަކޮށްފައިވާ ޚިދުމަތްތެރިންކަމުގައި ވީނަމަވެސް، އިސްރަށްވެހިން އަދިވެސް ހުވަފެންތަކެއް ދެކެމުންއަންނަކަމުގައި ބައިވެރި ފާހަގަކުރިއެވެ. އަދި މި އަމާޒަށް ވާސިލުވެވޭ ފަދަ މާހައުލެއް އުފެއްދުމަކީ އެންމެންގެ ޒިންމާއެއްކަމާއި އެކަން ހާސިލްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަމުގައި ވެސް ބައިވެރިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިވަނީ ހިޔާލު ބަދަލުކޮށްފައެވެ. އެގޮތުން، އިސްރަށްވެހިންގެ ދުޅަހެޔޮކަމަކީ އެބޭފުޅުންގެ އަސާސީ ހައްޤެއް ކަމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވިސްނާއިރު ހަމައެކަނި ސިއްޙީ ފަރުވާއަށް ވިސްނުމުގެ ބަދަލުގައި އިޖްތިމާއީ ގުޅުންތަކާއި ޤަދަރާއި އިޚްތިރާމް އަދާކުރުމާއި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ވެސް އިސްރަށްވެހިންނަށް އިސްކަމެއްދީ އެމީހުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރެވިދާނެކަން ޕެނަލިސްޓުންގެ ވާހަކަތަކުން ވަނީ އަލިއަޅުވާލާފައެވެ.
ހަމައެހެންމެ، އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ހަރުދަނާކުރުމަށް ރަށު ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ލީޑަޝިޕް ދައުރު އަދާކުރުމަށް އިސްރަށްވެހިން ބާރުވެރިކުރުވާނެ ގޮތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބައިވެރިން ވިދާލުވެފައިވަނީ، އެކި ރޮނގުރޮގުން އިސްރަށްވެހިންގެ ދިގުމުއްދަތުގެ ތަޖުރިބާއަކީ އަގުހުރި ވަސީލަތެއް ކަމަށާއި، އަދި މި ތަޖުރިބާގެ ބޭނުންކޮށްގެން މުޖުތަމައަށް ފައިދާކުރަނިވި އެތައް ކަމެއް ހާސިލުކުރެވިދާނެކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ކަންކަން ނިންމުމުގައި، އަދި އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ނިންމުމުގައި، އެ ފަރާތްތަކުގެ ޚިޔާލުތައް ހޯދުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ޕެނަލިސްޓުން ފާހަގަކުރިއެވެ.
އިސްރަށްވެހިން ގެނެސްދެނީ ތަޖުރިބާގެ މުއްސަނދިކަމާއި، ތާރީޚީ މަޢުލޫމާތާއި، އަދި ކެތްތެރިކަންކަމުގައި މި ޕެނަލް ޑިސްކަޝަންގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ސިޔާސަތުތައް އެކުލަވާލުމާއި، ޒުވާނުންނަށް މަގުދެއްކުމާއި، އަދި މުޖުތަމަޢުތައް ކުރިއަށް ގެންދިއުމުގައި އަގުނުކުރެވޭފަދަ ވަސީލަތްތައްކަމަށާއި ދުނިޔެ މިހާރު ބަދަލުވާން ޖެހެނީ އިސްރަށްވެހިންނަކީ އެހެން މީހުންގެ އެހީއަށް ބަރޯސާވާ ބަޔަކު ކަމުގައި ދެކުމުގެ ބަދަލުގައި، ހަރަކާތްތެރި ފަރާތްތަކެއްގެ ގޮތުގައި ދެކިގެން ކަމުގައިވެސް ބައިވެރިންވަނީ ވިދާޅުވެފައެވެ.
އިސްރަށްވެހިންގެ އުންމީދުތަކާއި ދުޅަހެޔޮކަމާ، އަދި ހައްޤުތައް ކަށަވަރުކުރުމަށް އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަސައްކަތަކީ ކަނޑައަޅާ ސިޔާސަތަކުން އެކަނި ނިންމާލެވެން އޮތް ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މިއިން ކޮންމެ ސިޔާސަތަކަށް އަމަލީ ސިފަ ގެނެސް، މިކަންކަން ހާސިލްކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަމާއި ބައިވެރިވުން މުހިންމުކަން މި ޕެނަލް ޑިސްކަޝަންއިން ވަނީ އެނގިގެން ގޮސްފައެވެ.





