ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރަން ހުޅުވާލައިފިއެވެ.
ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ތ. ކިނބިދޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެއަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ކިނބިދޫރައްޔިތުންނަށް ދެއްވާފައެވެ.
މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2025 ވަނަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ވަނީ އެދިފައެވެ.





