ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މިމަހު 22 އިން 25 އަށް ކުރިއަށްގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ޖުމްލަ 500 ގަސް އިންދިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.
މި ގަސްއިންދުމުގެ ހަރަކާތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަށް ދިވެހި ސްކައުޓުންގެ ފަރާތުން ދެވުނު މުހިންމު އެއްބާރުލުމެކެވެ. ކުޑަގިރީގައި ބޭއްވި މި ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ސްކޫލްތަކުގެ ސްކައުޓުންނާއި ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.
މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގަސްގަހާގެހި ގިނަކުރުމަށް ސްކައުޓުންގެ ފަރާތުން ދެވޭ އިސްކަން ވަނީ ހާމަވެފައެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ، މުސްތަގުބަލުގައިވެސް މިފަދަ ތިމާވެއްޓާބެހޭ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ. މީގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެއްޓަށް ދޭ އަހަންމިއްޔަތު އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގަތުމަށް ބާރުއަޅާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.





