ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި ނުވަ މީހަކު މަރުވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ގައުމުގެ ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މުޒާހަރާކުރާ ޒުވާނުން ބުނަމުންދަނީ އެ މީހުން މުޒާހަރާއަށް ނުކުތީ ސޯޝަލް މީޑިއާ މަނާކުރުމުން ކަމަށް ވިޔަސް މިިހާރު ކުރިއަށްދަނީ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއެއް ކަމަށެވެ.
މި މައްސަލައާ ހެދި ރޭ ބޭއްވި ކެބިނެޓް ކުއްލި ބައްދަލުވުމުގައި އިންޓީރިއާ މިނިސްޓަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. ނަމަވެސް މުޒާހަރާތަކާ އެކު ގައުމު ހޫނުވުމުން މިއަދު ވަނީ ސޯޝަލް މީޑިއާގެ ސަސްޕެންޝަން އުވާލާފައެވެ.
ޒުވާނުން އިއްޔެ ފެށި މުޒާހަރާ މުޅި ގައުމަށް ފުޅާވެ ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިވާން ފަށާފައި ވާއިރު މިއަދު ދަނީ ސިޔާސީ އެކި ލީޑަރުންގެ ގެދޮރަށް ވެސް ވަދެގަނެ ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދެމުންނެވެ.
މި ލިޔުން ކިޔާލުމުން