ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގުޅިގެން ކުރިއަށް ދިޔަ ހަމަނުޖެހުން ގޯސްވެ، އެ މުޒާހަރާގައި 19 މީހަކު މަރުވެފައި ވަނިކޮށް ސޯޝަލް މީޑީއާ އަލުން ދޭން ފަށައިފިއެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކޮށް، އެ ޤައުމުގައި ކޮރަޕްޝަން އިތުރުވުމުން ޒުވާނުން އެކަމާ ދެކޮޅަށް ޒުވާނުން ނިކުތެވެ.
އާބާދީ ބޮޑު ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. އެއީ އެ ޕްލެޓްފޯމްތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ނުހިންގޭނެ ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން އަދި އެ ޤައުމުގައި ކޮރަޕްޝަން ފެެތުރެމުންދާތީ އެ ކަމާ ނުހުރުހުން ފާޅު ކުރުމަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ މަގުތަކުގައި މުޒާހަރާކޮށް، ކަތުމަންޑޫގައި ހުންނަ އެ ޤައުމުގެ މަޖިލީސް ކުރާ ގެއަށް ވަދެގަތުމަށް މަސައްކަތް ކޮށްފައެވެ. ޒުވާނުންތަކެއް އިސްވެ މަޖިލިސް ކުރާ ގެއަށް ވަނުމަށް ކުރި މަސައްކަތް ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި އުނޑަ ބޭނުންކޮށްފައެވެ. އެ މުޒާހަރާތަކުގައި 19މީހުން މަރުވެފައިވާއިރު، އަނިޔާވި 100އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި 28 ފުލުހުން ވެސް ހިމެނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއިން ފެށިގެން ފޭސްބުކް، ޓްވިޓަރ އަދި ވަޓްސް އެޕް ވަނީ ލިބެންފަށާފައެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ގުރުންގްއާ ހަވާލާދީ ނޭޕާލުގެ މީޑިއާތަކުން ވަނީ ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން މިހާރު އުވާލާފައިވާ ކަމަށް ބުނެފަ އެވެ.
މިދިޔަ ޖުލައި މަހު ނޭޕާލުގައި އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކުރިއެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ.
މި ލިޔުން ކިޔާލުމުން