ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ރާއްޖޭގެ ޓޭބަލް ޓެނިސްގެ ތަރި، ރަފާ އަނެއްކާވެސް ޗެމްޕިއަންކަން ހޯދައިފިއެވެ.
އިއްޔެ ކުރިއަށް ދިޔަ 63 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް ކާމިޔާބުކުރި މިއީ ތިންވަނަ ފަހަރެވެ.
މުބާރާތުގެ އަންހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ރަފާ ހޯދީ ފަސްފަހަރު މިތަށި ހޯދާފައިވާ ރާއްޖޭގެ ޒުވާން އަދި މޮޅު ކުޅުންތެރިޔާ ދީމާ އަލީ އާއި ވާދަކޮށް 4 ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިއީ ފަހުގެ ތާރީހެއްގައި ދިވެހި ކުޅުންތެރިޔަކު ދީމާއާ ވާދަކޮށް ހޯދި އެންމެ ރަނގަޅު ކާމިޔާބީއެވެ. ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރިނަމަވެސް ރަފާގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ.
އެގޮތުން ފުރަތަމަ ދެސެޓު ރަފާ ކާމިޔާބުކުރީ 11-09 އިންނެވެ. މިމެޗުގައި ދީމާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔުމުގެ ނަތިޖާއެއް ގޮތުން ތިންވަނަ ސެޓުގައި 11-06 ތަފާތު ބޮޑުކޮށް ރަފާ ސެޓު ކާމިޔާބުކުރިއެވެ. މެޗުގެ ހަތަރުވަނަ ސެޓުގައި ދީމާ ލީޑް ނެގިނަމަވެސް ރަފާވަނީ ފަހުކޮޅު ނަތީޖާ އެއްވަރުކޮއްފައެވެ. މި ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ރަފާ މި ސެޓު ކާމިޔާބުކުރީ ވަރަށް ވާދަވެރިކޮށް 15-13 އިންނެވެ.
މެޗަށް ފަހު ރަފާ ބުނީ، ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރުމުން މެންޓަލީ އަދި ފިޒިކަލީ ރަނގަޅު ރެސްޓެއް ލިބުނުކަމަށެވެ.
ރަވާ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުރީ ރާއްޖެއިން ބޭރުން މަތީތަޢުލީމް ހާސިލުކުރަމުން ގެންދާތީއެވެ.
މި ލިޔުން ކިޔާލުމުން