ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ބޭންކުގެ ދެވަނަ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ މި ބްރާންޗް ވެގެންދާނީ ބޭންކުގެ ބިޒްނަސް ސެންޓަރަށެވެ. މިއީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ ބިޒްނަސް ސެންޓަރެކެވެ. އަދި މިއީ ބޭންކުގެ ތިންވަރަ ބިޒްނަސް ސެންޓަރަށެވެ. މިވަގުތު ބޭންކުގެ ބިޒްނަސް ސެންޓަރ ގާއިމުކޮށްފައިވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ.
" މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރަމުން ދާއިރު، އަޅުގަނޑުމެން މި ދަނީ ކުޅުދުއްފުށި ސީޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށްވެސް އިސްކަންދެމުން. މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެނަށް އެޅޭ މުހިންމު ފިޔަވަޅެއް."ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މިއަދު ބޭންކުން ވަނީ ހދ. ނޮޅިވަރަންފަރުގައި އައު ބްނާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ލިޔުން ކިޔާލުމުން