މީހުން ކުށަށް އަރައިގަތުމުގެ ކުރިން ވިސްނުންތެރިކަމާއެކު އެފަދަ މީހުން ކުށުގެ ވެށިން ރައްކާތެރިކުރުމާއި ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަކީ އަމާޒެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ކޮންމެ ރަށެއްގައި ވެސް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ހިދުމަތް ގާއިމުކުރުމުކީ ވެސް އަމާޒެއް ކަމަށެވެ. އަދި މިހާރު ގާއިމުކުރަމުންދާ ފުލުހުންގެ މަރުކަޒުތަކުގައި ރީޖަނަލް ހެޑްކުއާޓަރުތަކާއި އަތޮޅު ފެންވަރުގެ މަރުކަޒުތަކާއި ފުލުހުންގެ ތަމުރީނުތައް ދިނުމަށް ހާއްސަ ބަޔަކާއި ކުށް ކުރާ ފަރާތްތައް ހައްޔަރުކޮށް ބައިތިއްބަން ހާއްސަ ސެލްތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ވެހިކަލެއް ޓޯކުރަންޖެހޭ ހާލަތުގައި ވެހިކަލް ޓޯކޮށް ބަހައްޓާނެ ތަންތަނާއި ފުލުހުންގެ ވެހިކަލްތަކަށް މައްސަލައެއް ދިމާވެ، މަރާމާތުކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެގޮތަށް ހާއްސަ ތަނަކާއެކު ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް އަދި އާބާދީ ބޮޑެތި ރަށްރަށުގައި ގިނަ ފުލުހުން ތިބެގެން ދެވޭނެ ފަދަ ހިދުމަތެއް ގާއިމުކުރާގޮތަށް ފުލުހުންގެ އިންފްރަސްޓްރަކްޗަރ ތައްޔާރުވެފައިއޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހަމަ އެހެންމެ، މުޖުތަމައުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްގެން ފުލުހުންގެ ހިދުމަތްދިނުން ކަމުގައި ވެސް ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން