ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުމަކީ މަނާ ކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުން މިކަން ހާމަކޮށްފައިމިވަނީ ''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު''އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ދަނިކޮށެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު ޢަމަލުކުރަން ފަށާއިރު ކްރައިމް ޕްރިވެންޝަން ސެންޓަރުން ވަނީ އެއްވެސް މީހަކު ކުޑަކުއްޖަކަށް ވަޅި ވިއްކުމަކީ މަނާކަމެއް ކަމަށް ވިދާޅުވެފައެވެ.
ކުޑަ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ ޤާނޫނުގެ 37ވަނަ މާއްދާގެ ( ހ) އަދި (ށ)ގެ ދަށުން 20،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު''އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާއިރު ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު އަންނަނީ ހިއްސާކުރަމުންނެވެ.
އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ޚާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައިވެސް ބުނެދީފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ޤާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން