ޞައްޙަ ނޫން ވަކީލުކަމުގެ ހުއްދައެއް ތައްޔާރުކޮށް ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޕީއެލްގައި މަސައްކަްކުރާ ލ. ފޮނަދޫ، ހަވޭލި، ފާޠިމަތު ޠޫބާ ޢަބްދުﷲ ގެ ޤާނޫނީ ވަކީލުކަމުގެ ހުއްދައަކީ އެ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބެލުމަށް އެމްޕީއެލް އިން ހުށަހެޅުމާ ގުޅިގެން ބެލި ބެލުމުން، އެ ފަރާތަކީ އެއްވެސް އިރެއްގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫން ކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އިތުރަށް ބެލި ބެލުމުން، ޠޫބާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ ޑީޖޭއޭގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތުކުރުމުގެ ހުއްދަ ނަންބަރު: 2020/22 "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ" ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަމާއި، އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ އެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި ޠޫބާ ހިމަނާފައި ނުވުމުގެ އިތުރުން، ސުޕްރީމް ކޯޓުގެ ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް 20 ސެޕްޓެންބަރު 2020 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ އެ ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ބެލި ބެލުމުން، ޠޫބާ އަކީ ޑީޖޭއޭ އިން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަޙުޤީޤުކޮށް ދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.
"ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ޤާނޫނީ ވަކީލެއް ކަމުގައި އާންމުންނަށް ޤަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްކޮށް ޤާނޫނީ ޚިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މަނާ ކަމެއް. އަދި އެއީ ޤާނޫނީ ކުށެއް. އެއްވެސް ފަރާތަކުން މިފަދަ ޢަމަލުތައް ނުހިންގެވުމަށް މި ކައުންސިލްގެ ފަރާތުން އިލްތިމާސްކުރަން"، ބާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
ބާ ކައުންސިލުން ބުނީ ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފުތަރު ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށާއި، ޤާނޫނީ ޚިދުމަތް ހޯދުުގައި ޚިދުމަތް ދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި ބާ ކައުންސިލުގެ ވެބްސައިޓުން އެ މަޢުލޫމާތު ޔަޤީންކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން