ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ފައިދާވަނީ ރާއްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ޚިޔާލުފާޅުކުރައްވައި ޤާސިމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މި އިސްލާހްގެ ފައިދާކުރާނީ ސަރުކާރަކަށް ނޫންކަމަށާއި އެކަމުގެ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށެވެ. ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައިވާ އެއްޗަކަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު އޮވެގެންނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
"ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުޞަތު އޮވެގެންނުވާނެ، އެއީ ނާޖާއިޒު ފައިދާއެއްވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ" ޤާސިމް ވިދާޅުވިއެވެ.
ބިލުގައިވާ އިޞްލާޙްތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށާއި، މިއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނެވި އިޞްލާޙްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން