ބާ އިމްތިހާނާ ގުޅިގެން އެއްވެސް މޮކް ކަރުދާހެއް އާންމުކޮށްފައި ނުވާނެ ކަމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ ކުރީގެ ރަސްމީ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ލިޔެފައިވާ ލިޔުމެއް ދައުރުވަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ބާ ކައުންސިލުން ބުނީ ބާ އިމްތިހާނާ ގުޅިގެން އެ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީދިއާ އެކައުންޓުތަކުގައި ޝާއިޢުކޮށްފައިވާ ލިޔުންތައް ފިޔަވައި، އެހެން އެއްވެސް ލިޔުމެއް ނުވަތަ މޮކް ކަރުދާހެއް އެންޑޯސްކޮށް އާންމުކޮށްފައިވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނާ ގުޅޭގޮތުން ބާ ކައުންސިލުން މަޢުލޫމާތު އާންމުކުރަމުންދާނީ އެ ކައުންސިލުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.
"މި ދަނޑިވަޅުގައި މި ކައުންސިލާ ގުޅުންހުރި، އަދި މި ކައުންސިލުގެ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ބުނެ ލިޔުމެއް ދައުރުކުރުމަކީ ބާ އިމްތިހާނުގެ ބައިވެރިންނަށް އެކަމުގެ ސަބަބުން އޮޅުންތަކެއް އަރާނެ ކަމެއް ކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަން"، އެ ބަޔާނުގައި ވެއެވެ.
އަދި ބާ ކައުންސިލުގެ ނަން ބޭނުންކޮށްގެން އެ ކައުންސިލުގެ ލިޔުމެއްކަން ދޭހަވާފަދަ ލިޔުމެއް ދައުރުކުރަމުންދާ މައްސަލަ ތަޙުޤީޤުކޮށް ދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން