ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އެޗްޑީސީ ގުޅިގެން، ހުޅުމާލެ ފޭސް 2 ގައި، 60 ރުއް އިންދައިފިއެވެ.
މިއަދު ހަވީރު ކުރިޔަށް ދިޔަ ރުއް އިންދުުގެ ހަރަކާތަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި، ގުޅުވައިގެން، ދިވެހިރުއް ދިރުވާ އާލާކޮށް އިތުރުކުރުމުގެ މަޤްސަދުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްވެރިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިނާއި މުވައްޒަފުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިނާއި، މުވައްޒަފުން، ސްކޫލްތަކުގެ ދަރިވަރުނާއި މުދައްރިސުން ބައިވެރިވިއެވެ.
ރުއް އިންދުން ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފައެވެ. އަދި ރަސްމިއްޔާރުގައި ބައިވެރިވި، ވުޒާރާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވިން ވެސް ވަނީ ރުއް އިންދުމުގައި ބައިވެރިވެފައެވެ.
ރާއްޖޭގައި ދިވެހި ރުއް މަދުވެ، އޭގެއިން ލިބިދޭ ކާނާ ލިބުންވަނީ ދަތިވެފައެވެ. ޚާއްސަކޮން ދިވެހިންގެ ކެއިން ބުއިމުގައި މައިގަނޑު އެއް ބާވަތްކަމަށްވާ ކާށި، ލިބުންވަނީ އިންތިހާއަށް ދަތިވެފައެވެ. އެހެންކަމުން ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ހަރަކާތެއް ފެށުމަށް މި ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އދ. އަރިޔަދޫގައި ރުއް އާލާކުރުމުގެ ޤައުމީ މަރުކަޒު ގާއިމު ކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން