މި ސަރުކާރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މާލީ ކަންކަން ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާއި "ރަންފަނަރަ" އެވޯޑު ދިނުމަށް 07 އޯގަސްޓް 2025 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީރާގެ 15 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މީގެ 15 އަހަރު ކުރިން މީރާ އުފެއްދުމަކީ ދިވެހިރާއްޖެއިން ފެށި މާލީ އިސްލާހީ ދަތުރުގައި، ހަމައެކަނި އެހެން ދައުލަތުގެ އޮފީހެއް އުފެއްދުން ނޫން ކަމަށެވެ. އެއީ ޒަމާނީ، ދެމެހެއްޓެނިވި އަދި އަމިއްލަ ފުދުންތެރިކަން ހުރި އިގްތިސާދެއް ބިނާކުރުމަށް އެޅުނު އަސާސީ ފިޔަވަޅެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ. މިހާތަނަށް ޓެކްސް ނިޒާމެއް ގާއިމުކުރުމުގައި މީރާއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.
"ދައުލަތުގެ އާމްދަނީގެ 83 އިންސައްތައަށްވުރެ ގިނަ އަދަދެއް ހޯދައިދޭ މީރާއަކީ އަޅުގަނޑުމެންގެ އާންމު ޚިދުމަތްތަކާއި، ވަސީލަތްތައް ތަރައްގީކުރުމާއި، ދައުލަތް ހިންގުމަށް ބޭނުންވާ މާލީ ކަންކަން ފޯރުކޮށްދޭ އިގްތިސާދީ އިންޖީން،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
މީރާގެ ކޮންމެ މުވައްޒަފެއްގެ މަސައްކަތަކީވެސް ސްކޫލްތައް އިމާރާތްކުރުމާއި، ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ހުރިހާ ދިވެހި ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ސީދާ ހިއްސާކުރާ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރަންފަނަރަ" އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމުން ވަޒީރު ވިދާޅުވީ، ޓެކްސް ދެއްކުމުގެ ޒިންމާ އަދާކުރުމުގައި އެ ފަރާތްތަކުން ދައްކަވާ އިޚްލާސްތެރި މަސައްކަތަކީ ހަމައެކަނި ގާނޫނީ ޒިންމާއެއް އަދާކުރުމަށްވުރެ މާ މަތިވެރި ކަމެއް ކަމަށެވެ. އެއީ ދިވެހިރާއްޖެ އާއި ދިވެހިންގެ ކުރިއެރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅެއް ކަމަށާއި، މިފަދަ ނަމޫނާ މަސައްކަތްތަކުން އެހެން ފަރާތްތަކަށްވެސް ޓެކްސް ދެއްކުމުގެ މުހިއްމުކަން އަންގައިދީ، އިލްތިޒާމްތައް އަދާކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ޓެކްސް ދެއްކުމަކީ ބުރައެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ އަސާސީ އަދި މަދަނީ ވާޖިބެއް ކަމަށް ވިދާޅުވެ، ޓެކްސް ދެއްކުމުގެ ސަގާފަތް އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރައްވާފައިވާ ވިޔަފާރިތަކަކީ ހަމައެކަނި ޓެކްސް ދައްކާ ފަރާތްތަކެއް ނޫން ކަމަށާއި، އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ދައުލަތުގެ ބައިވެރިން ކަމަށް ވިދާޅުވެ، މި މުހިންމު ޒިންމާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރެއްވުމަށް ވަޒީރު ގޮވާލެއްވިއެވެ.
މީރާއަކީ ދައުލަތުގެ އާމްދަނީ އެއްކުރުމުގެ އެންމެ މުހިންމު އެއް މުއައްސަސާ ކަމަށް ފާހަގަކުރައްވާ، ވަޒީރު ޔަގީންކަން ދެއްވީ، މި ސަރުކާރުން މީރާގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. އެގޮތުން، އެންމެ އިސްކަމެއްގެ ގޮތުގައި މީރާގެ އޮފީސް ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، މީރާއަށް އެކަށީގެންވާ ވަކި ޢިމާރާތެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މީރާގެ އިދާރީ ޤާބިލުކަމާއި މުސްތަޤިއްލުކަން އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ވަރަށް އަވަހަށް ގެނެވޭނެކަމަށާއި، މީރާގެ މުވައްޒަފުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތްތައް އިންސާފުވެރި އަދި ރަނގަޅު ފެންވަރެއްގައި ހުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ ސަރުކާރުގެ 'ދިވެހިރާއްޖެ 2.0' ސިޔާސަތާއި މީރާއިން އެކުލަވާލަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްއަކީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަސައްކަތުގައި މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ނިންމަވާލައްވަމުން ވަޒީރު ވަނީ، މީރާގެ ލަނޑުދަނޑިތައް ޙާޞިލުކުރެއްވުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އަރުވާ، މި މުހިންމު މުއައްސަސާ ކުރިއެރުވުމަށް އެމަނިކުފާނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން