ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިވަޑައިގެންފިއެވެ.
ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބަރ ސެޓިންގްސްއިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރެއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަދި ވައިބަރއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އޮންލައިން މުޢާމަލާތްތަކުގައި ރަސްމީ އަދި ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށާއި އަންއައިޑެންޓިފައިޑް ފޮރިން ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތައް ބްލޮކް ކުރުން ހިމެނެއެވެ.
އަދި ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖް ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުޢާމަލާތް ކުރުމާއި އޮންލައިން ޕްލެޓްފޯމްތަކުގައި ދެވޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔުމުގެ އިތުރުން އާދަޔާ ޚިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް ބެލުންވެސް ހިމެނެއެވެ.
މީގެ އިތުރުން އޮންލައިން ޑޭޓިންގ ޕްރޮފައިލްތަކުގައި ފެންނަ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި މިގޮތުން ފޮޓޯތައް ރިވާރސް އިމެޖް ސާރޗް ކޮށްގެން ޗެކްކުރުން އަދި ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަލާ ޗެކްކުރުން، އެއްވެސް ފަރާތަކުން އަމިއްލަ ބޭންކް އެކައުންޓް މަޢުލޫމާތު، ޕާސްވާރޑް، ޕިން ނަންބަރު ފަދަ މަޢުލޫމާތަށް އެދިއްޖެނަމަ ނުދިނުމާއި އޮންލައިން ޝޮޕިންގ ވެބްސައިޓްތަކުގެ ރިވިއުތައް ބެލުމާއި، އެ ވެބްސައިޓްތަކުގެ އެޑްރެސް ރަނގަޅުތޯ ބެލުން އަދި ވެބްސައިޓްގެ ސެކިއުރިޓީ ސެޓްފިކެޓް ޗެކްކުރުމަކީ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.
ސްކޭމްގެ ޝިކާރައަކަށްވެއްޖެނަމަ އެޅިދާނެ ފިޔަވަޅުތައް
1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.
މި ލިޔުން ކިޔާލުމުން