ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ބާއްވައިފިއެވެ.
ދެ ވުޒާރާގެ މެދުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ބޭންކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުމަށާއި، ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމަށާއި، ކައުންސިލުގެ ބްލޮކް ގްރާޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމަށާއި، ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމަށާއި، ލޯކަލް އޮތީރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައި ވާ ކަމަށް ސިޓީސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އިސްވެރިއެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމެވެ. ސްޓޭޓްމިނިސްޓަރ އަޙްމަދު ސާލިމްގެ އަރިހުގައި މިނިސްޓްރީގެ އެލްޖީ ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން