ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަން ފަރުވާ އަދި ދުމާ ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ވާރކްޝޮޕެއް ބާއްވައިފިއެވެ.
އޯގަސްޓް 4 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވަރކްޝޮޕްގައި އަތޮޅުތެރެއިންނާއި މާލެ ސަރަޙައްދުން 35 ބައިވެރިން ވަނީ ބައިވެރިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ވޯރކްޝޮޕަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމެކެވެ.
މި ވޯރކްޝޮޕްގެ ބައިވެރިންނަށް ގައުމީ އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އަމަލީ އަދި ފަންނީ ހުނަރު ލިބިގެން ދާނެއެވެ. އަދި މިކަމުގެ ތަމްރީނު ލިބިފައިވާ ބައިވެރިންގެ ނެޓްވާރކްއެއް ގާއިމު ވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ވޯރކްޝޮޕަކީ ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސްއްކަތްތައް އިތުރަށް ހަރުދާނާކޮށް، ދުޅަހެޔޮ ވެއްޓެއް ގާއިމު ހުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތަކީ ގައިންގަޔަށް ނާރާބަލިތަކުގެ އެންމެ ބޮޑު އެއް ހިރާސް ކަމުގައިވާ ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރެވިގެންދާ މުހިންމު މަސައްކަތެކެވެ.
މި ލިޔުން ކިޔާލުމުން