ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.
މި މުއާހަދާގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމުގެ މުއާހަދާއިގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.
މި މުއާހަދާގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމުގައާއި ޝަރީޢަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގަ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގަ ޤާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީއިން ކަމަށް ބަޔާންކޮށްފައިވެއެވެ.
މިގޮތުން، ޤާނޫނު ނަންބަރު: 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސެކިއުޓަރ ޖެނެރަލްކަން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން