މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މިމަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެއެވެ.
އަދި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެއެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ދަނީ ލިބެމުންނެވެ.
މި ލިޔުން ކިޔާލުމުން