ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެ ކަމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.
ޢައްބާސް މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ އޭ ގެ ފަރާތުން ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެ!މިޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންފުޅުވާ މިޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ.. އެހެން ކަމުން ލޯކަލްކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.އޭ އިން…
— Mohamed Abbas (@Abbasvelidhoo) July 2, 2025
މިގޮތުން ޢައްބާސް ވިދާޅުވީ އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތައް ފެށިގެން ދާނެ ކަމަށެވެ.
"އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ޙައްޤުގައި ބަސްބުނެ ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ސިޔާސީ ޕާޓީއެއް"، ޢައްބާސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
މި ލިޔުން ކިޔާލުމުން